ދަރިފުޅު ބަސްނާހާނަމަ ކަންތައްކުރެވިދާނެ ގޮތްތަކެއް!

Follow @loamaaOnline
Kid playing

ޕޮޓޯ--- އަންސްޕްލޭޝް


އޭޑީއެޗްޑީ ހުންނަ ކުއްޖަކު ބަލަމުންދާއިރު ވަރަށްގިނަ ޗެލެންޖްތަކާ ކުރިމަތިލާންޖެހެއެވެ. ދަރިފުޅަކީ އޭޑީއެޗްޑީ ކުއްޖަކަށް ނުވިނަމަވެސް، ހަލަނިކޮށްއުޅުމާއި، އެއްތަނެއްގައި މަޑުން ނުއިނުމަކީ ވަރަށްގިނައިން ބެލެނިވެރިން ދައްކާ ވާހަކައެކެވެ. މިކަމާބެހޭގޮތުން އަޅުގަނޑު ބިހޭވިއަރ ތެރަޕިސްޓް އަކާއި ވާހަކަ ދައްކާލީމެވެ. އޭނާ ވިދާޅުވިގޮތުގައި އަޅުގަނޑުމެން ބެލެނިވެރިންނަށް ގިނަފަހަރު ކުޑަދަރިފުޅުގެ ފަރާތުން މާ ބޮޑެތި އުންމީދުތަކެއް ކުރެވެނީއެވެ. ސިކުނޑީގެ ބޮޑުބައެއް އަދިއުފެދިފައިނުވާ މި ކުދިންނަށް އަޅުގަނޑުމެންގެ އުންމީދުތަކާއަރާ ހަމައެއް ނުކުރެވޭނެއެވެ. ތަނެއްގައި އިށިންދެގެން 1 ގަޑިއިރު ނުވަތަ އެއަށްވުރެދިނައިރު އިންނަންޖެއްސުމަކީ ރިއަލިސްޓިކް ކަމެއްނޫންކަމަށެވެ. ނަމަވެސް ދަރިފުޅުމާހަލަނިވެ، ބަސްނާހާ، ޓެންޓްރަމް ދައްކާނަމަ ބެލެނިވެރިންނަށް ބޭނުންކުރެވިދާނެ ޓެކްނިކްތަކެއްހުރެއެވެ.

 

ޓައިމް އައުޓް ނެގުން:
ޓައިމް އައުޓަކީ ކުޑަކުދިން ބަލައިނުގަނެވޭ ގޮތްގޮތަށް އެކްޓް ކުރާއިރު ގިނަ ބެލެނިވެރިންނާއި ތަޖުރިބާކާރުންނަށް ވަރަށް ބޭނުންތެރި ޑިސިޕްލިން ޓެކްނިކެކެވެ. މިސާލަކަށް ކުޑަކުއްޖާ ގާތު އެއްބަނޑު އެއްބަފާ ކުއްޖާގެ ގައިގައި ނުޖެހުމަށް ބުނި ނަމަވެސް ދަރިފުޅު އެއަށް އަމަލު ނުކުރާނަމަ، ޖަވާބުގައި ދަރިފުޅު ކަނޑައެޅިފައިވާ ވަގުތަކަށް ހަމަހިމޭން ކަނެއްގައި އިށީނދެ، އެކުއްޖަކު ގޯސްކޮށް ކުރި ކަންކަމާ މެދު (އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އެގޮތަށް އަމަލު ނުކުރާނެ ގޮތަކާ މެދު) ވިސްނާލަން ވަގުތުދިނުމެވެ. މިޓެކްނިކްއަކީ އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސް (އޭއޭޕީ) އިން ލަފާދޭ ކަމެއްވެސްމެއެވެ. 

ޓައިމްއައުޓް ނެގުމަށް ރަނގަޅުއުމުރާއި، މިޓެކްނިކް ބޭނުންކުރާނެގޮތް.
ތަޖުރިބާކާރުން ލަފާދެނީ ދަރިފުޅުގެ އުމުރުން ގާތްގަނޑަކަށް 2 ނުވަތަ 3 އަހަރު ވަންދެން ޓައިމް އައުޓް ޑިސިޕްލިން މެތޯޑް ބޭނުން ނުކުރުމަށެވެ. ސަބަބަކީ މިއުމުރުގައި އެކުދިންގެ އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގެ ގާބިލްކަން ލިބިފައިނުވާނެތީއެވެ. އަދި މިކުދިންނަށް މިކަންކުރުމުގެ ސަބަބާއި ނަތީޖާ ދެނެގަނެ، އޭގެ ނަތީޖާ ދެނެ ނުގަނެވޭނެތީއެވެ.


ޓައިމްއައުޓް ފަށަން އެންމެ އެދެވިގެންވާ އުމުރަކީ 5 އަހަރުންފެށިގެންނެވެ. (މިކަމުގައި އެކި ކުދިންގެ ތަފާތުތަކެއް ހުރެދާނެއެވެ.)


މައިންބަފައިންނާއި ބެލެހެއްޓުންތެރިން ގިނަ ފަހަރަށް ޓައިމް އައުޓް ބޭނުންކުރަނީ ކުދިން ހަމައަކަށް އެޅުވުމަށް އެހީތެރިވެދިނުމަށާއި، ރުޅިގަމަޑުކޮށް ކާމްޑައުން ކުރުވުމަށް، ނުވަތަ ގޯސް ސުލޫކުގެ(ބިހޭވިއަރ) އުސޫލުތައް މުގުރާލުމަށެވެ. މިކަން ކުރިއަށްދާނެގޮތާއި، ޓައިމްއައުޓް ނަގާނީ ކޮންހާލަތްތަކެއްގައިކަން ކުރިން ދަރިފުޅަށް ކިޔާދީފައި ބާއްވަންވާނެއެވެ. އަދި ބެލެނިވެރިންހަދާ މިފަދަ އުސޫލްތަކުގައި ހިފަހައްޓައި ސާބިތުވާންވާނެއެވެ. ދުވަސްކޮޅަކު ޕްރެކްޓިސް ކޮށްގެން އަދި ރަނގަޅަށް ކޮށްފިނަމަ، ދަރިފުޅު ޖެހުމާއި، ކުޅުޖެހުމާއި އެއްޗެހި އުކުމާއި، ފާރުތަކުގައި ލިޔެކިޔުން ނުވަތަ ފަރުނީޗަރަށް އެރުން ހުއްޓާލަން ބޭނުންވާ ވަގުތު ފަދަ ގިނަ ހާލަތްތަކުގައި ޓައިމް އައުޓަކީ ފައިދާހުރި ކަމަކަށްވެގެންދެއެވެ.

 

ދަރިފުޅުގެފަރާތުން މިފަދަ ބީހެވިއަރ ފެންނައިރު ފުރަތަމަފަހަރު ސާފުވާނެހެން ރީއްޗައްއެކަން ހުއްޓާލުމަށްބުނާށެވެ. އަދި ތަކުރާރުވާނަމަ މަންމަ ޖެހޭނީ ޓައިމްއައުޓެއް ނަގަންކަމަށް ބުނެވިދާނެއެވެ. މިސާލަކަށް "ކުލަޖައްސާ ކުލަތައް އުކާލާނަމަ، ނުނީ ޓީވި ނިއްވާލަން ބުނުމުން ނުނިއްވާނަމަ" ޓައިމްއައުޓް ނަގަން ބުނެވިދާނެއެވެ. މިފަދަވަގުތުގައި ލެކްޗަރުނުދީ، ބެލެނިވެރިޔާ އަމިއްލަ ރުޅި ކޮންޓްރޯލްކުރުން ވަރަށްމުހިއްމެވެ.
ޓައިމްއައުޓް ދިނުމަށްފަހު ދަރިފުޅު ކާމްޑައުންވާންދެން ދުރުގައި މަޑުކޮށްލާށެވެ. (ވަކި ކޮޓެރިއަކަށްލައި ތަޅުލުމަކީ ޓައިމްއައުޓެއްނޫނެވެ). މިގޮތައް މަޑުކުރާއިރު، ދަރިފުޅު ފެންނަހިސާބުގައި އަމިއްލަ ކަމެއް ކޮށްލަން ހުރެވިދާނެއެވެ. ޓައިމްއައުޓްނަގާނީ ދަރިފުޅުގެ އުމުރާ ގުޅޭގޮތަށެވެ. 5 އަހަރުގެ ކުއްޖެއްނަމަ 2 މިނެޓްގެ ޓައިމްއައުޓެކެވެ. އަދި 6 އަހަރުގެ ކުއްޖެއްނަމަ 3 މިނެޓެވެ. މިގޮތައް އަހަރަކަށް މިނެޓެއް އިތުރުކުރެވިދާނެއެވެ. ދަރިފުޅު ރޮއި، ބައިންދާތަނުން ތެދުވެގެން އަންނަނަމަ، އަނެއްކާގޮސް ހަމައެތަނުގައި ބައިންދާ ޓައިމަރ ޖައްސާށެވެ. މިގޮތައްކަންތައްކުރާއިރު ބެލެނިވެރިޔާ ވާހަކަ ނުދައްކާށެވެ. 


ޓައިމްއައުޓް ނިމުމުން، ދަރިފުޅުކައިރިއަށްގޮސް ވާހަކަ ދައްކާށެވެ. ޓައިމްއައުޓް ނަގައި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަކީ ސްޓްރޯންގް ކުދިންގެ ސިފައެއްކަން ބުނެދޭށެވެ. އެއަށްފަހު ދަރިފުޅު ވާހަކަދައްކާނަމަ ކަނުލާއަޑުއަހާ ސަމާލުކަންދޭށެވެ. އަދި ރުޅިގަދަވެގެން އުޅުނުގަޑީގައި ތަނެއް ހަޑިކޮށްފަހުރިނަމަ މަންމައާއެކެ އެތަންސާފުކުރަން އެހީވުމަށް ބުނާށެވެ. ކުއްޖަކުގައިގައި ޖެހިކަމަށްވާނަމަ ސޮރީ ބުނެ މާފަށްއެދެން ބުނާށެވެ. މިގޮތައް ކަންތައްކުރުމުން ދަރިފުޅަށް އަމިއްލަ އިމޯޝަންތައް ރެގިއުލޭޓްކުރަން ދަސްވެއެވެ.
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok