ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާއަށް ކުޅުދުއްފުށިން 17 މީހަކު ޕޮޒިޓިވްވެއްޖެ

Follow @loamaaOnline
---

-


ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ 17 ކޭސްއެއް ކުޅުދުއްފުށި ސިޓީން ފެނިއްޖެއެވެ.

މީގެ ކުރިން އެންމެ ފަހުން ފައިލޭރިއާގެ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2014 ވަނަ އަހަރު ލ. ފޮނަދޫއިންނެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބައިނަލްއަގުވާމީ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި މި މަހުގެ އެއްވަނަ ދުވަހު އަދި ދެވަނަ ދުވަހު ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި އެކި ބަލިތަކަށް ސްކްރީން ކޮށްފައިވާ ކަމަށާއި، ސްކްރީނިން ޓެސްޓުތަކުގެ ތެރެއިން ބައެއް ފަރާތްތައް ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"މިހެންކަމުން، މި ހޮސްޕިޓަލާއި ކުޅުދުއްފުށި ސިޓީ ކައުންސިލް އިތުރުން ދިވެހި ރެޑްކްރެސެންޓު ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް މަސައްކަތްތައް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،" ކޭއާރްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ ސްކީރިން ޓެސްޓުން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާ އެކުގައި ދިރިއުޅޭ ފަރާތްތަކުގެ ސްކްރީން ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފައިލޭރިއާ ހުރިކަން ޔަގީންވާ ފަރާތްތަކަށް ދެވޭ ފަރުވާއަކީ އެއްފަހަރު ބޭނުންކުރާ ދެ ބެހޭއް ކަމަށް ކޭއާރްއެޗުން ބުންޏެވެ.

" ބައްޔަށް ސްކްރީން ކުރުމުގެ ތެރޭގައި މި ރަށުން ޕޮޒިޓިވްވެފައިވަނީ އަދިވެސް ފައިލޭރިއާ ބަލި އުޅޭ ގައުމުތަކުންނާއި ސަރަހައްދުތަކުން ވަރަށް ފަހުން ރާއްޖެ އައިސްފައިވާ ފަރާތްތަކެވެ." ކޭއާރްއެޗުން ބުންޏެވެ.

ފައިލޭރިއާ އާންމުކޮށް ފެތުރެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިންނެވެ.

ކުޅުއްދުއްފުށިން ފައިލޭރިއަގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެޗްޕީއޭން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ފައިލޭރިއަށް ޕޮޒިޓިވްވެފައިވަނީ، 17 ބިދަޭސީން ކަމަށެވެ.

ރާއްޖެއިން ފައިލޭރިއާ ނައްތާލެވިއްޖެކަން ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ހާމަކޮށް އެކަމުގެ ލިޔުން ހަވާލުކުރީ 2016 ވަނަ އަހަރުއެވެ. އެއީ އާބާދީގެ އެކެއް އިންސައްތައަށްވުރެ ކުޑަކޮށް ފައިލޭރިއާ ހުރި ގައުމުތަކަށް ނުވަތަ ފައިލޭރިއާއަކީ ރާއްޖޭގެ އާންމު ސިއްހަތަށް ހުރި މައްސަލައެއް ނޫންކަން އަންގައިދޭ ލިޔުމެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok