މިިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު 21އ ފުންމާލީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން މިރޭ ބުނެފި އެވެ.
ޔުމްނުގެ އާއިލާއިން ޗެނަލް 13 އާއި ރާއްޖެ ޓީވީ މެދުވެރިކޮށް މިރޭ ދިން ވީޑިއޯ މެސެޖެއްގައި ޔުމްނުގެ ދައްތައަކު ޔުމްނުއާ ހަވާލާދީ ބުނީ، ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ އެ މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވާ ދިން ދައުވަތަކަށް ކަމަށެވެ.
ޔުމްނުގެ ދައްތަ ޔުމްނުއާ ހަވާލާދީ ބުނީ ފެންޓެނޯއީއަށް ޔުމްނުއާއެކު ވަތް ރައުދު އަހުމަދު ޒިލާލް 21އ ގެ އިތުރުން ޔައްސާރާއި އިތުރު ދެ މީހަކުވެސް އުޅުނު ކަމަށެވެ. ނަމަވެސް އެ ދެ މީހުންގެ ނަމެއް އޭނާ ނުބުނެއެވެ.
ޔުމްނުގެ ދައްތަ ޔުމްނުއާ ހަވާލާދީ ބުނީ ފެންޓެނޯއީއަކީ މީގެ ކުރިންވެސް ޔުމްނު ގޮސް އުޅުނު ގެއެއް ކަމަށެވެ.
"ޔުމްނު މިއަދު ކިޔައިދީފި އެ ގެއަކީ ޔުމްނު ކުރިންވެސް ގޮސް އުޅުނު ގެއެއްކަން. އަދި އެ ގެއަށްދާން އިންވައިޓުކުރީ ޔައްސާރު ކަމަށް. ގޭގެ ލޮކޭޝަންވެސް ފޮނުވީ ޔައްސާރު" ޔުމްނުގެ ދައްތަ ބުންޏެވެ.
ޔުމްނުއަށް ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނައިރު، އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ރައުދު އެކަންޏެވެ. ނަމަވެސް ޔުމްނު ވެއްޓުނު ރޭ އިތުރު ބަޔަކާއެކު ޔުމްނު އުޅެފައިވާކަމަށް ފުލުހުންވެސް ބުނެފައިވެއެވެ. އެ އެންމެންގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.
އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކުވެސް ހިމެނެއެވެ.