ގައުމީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން "އުފާ ފެމިލީ ފެސްވިޓަލް" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އެ ހަވީރު ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާ ހަމައަށްހުޅުމާލެ ފެސް-2 "ހިޔާ ޕާކު" ސަރަހައްދުގައި ކަމަށެވެ.
ރޮބޯމޭންގެ ހަރަކާތްތަކާއި ފޯމް ޕާޓީއާއި ބައުންސިން ކާސަލާއި ބައުންސިން ހޯސް ރައިޑިންއާއި ބުލް ބޭޝާއި، އޯބީޒް ޝޫޓިންއާއި ބަބުލް ހައުސް އަދި ވެކް އަ މޯލް ފަދަ ކުޑަކުދިން ޝައުގުވެރިވާ ތަފާތު ގިނަ ގޭމްތަކެއް "އުފާ ފެމިލީ ފެސްޓިވަލް" ހުންނާނެ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން އެތަނަށް ޒިޔާރާތްކުރާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބިގެންދިއުމުގެ އިތުރުން، ޓްރާންފޯމާސް އާއި ކުޑަކުދިން ޝައުގުވެރިވާ ތަފާތު ކެރެކްޓާތަކުގެ މެސްކޮޓްތައްވެސް އެ ތަނުގައި އެ ދުވަހު ހަދިޔާ ބެހުމުގައި ހަރަކާތްތެރިވާނެ ކަމަށް ބުންޏެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭގަނޑު 20:00 ގައި ހާއްސަ މޫވީ ނައިޓެއް ހުޅުމާލޭ ފޭސް -2 ޕާކުގައި ބާއްވާނެއެވެ. އެ މޫވީނައިޓަކީ އުރީދޫއާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ ގުޅިގެން ބާއްވާ މޫވީ ނައިޓެކެވެ.