އުވައިޝް ވެންޓިލޭޓަރުން ނަގައިފި، ހާލު އަންނަނީ ރަނގަޅުވަމުން!

Follow @loamaaOnline
-

--


އިއްޔެ ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ، އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާކުރަމުން އައި ފަސޭހާ ރީޗާޖުގެ ވެރިޔާ އަލީ އުވައިޝް 23އ ވެންޓިލޭޓަރުން ނަގައިފިއެވެ. 

"ލޯމާ" އަށް އެނގިފައިވާ ގޮތުގައި އިއްޔެ ރޭ 23:26 ހާއިރު ދެ ސައިކަލެއް ޖެހި ވިލާ ކޮލެޖު ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އުވައިޝްއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.

އެ އެކްސިޑެންޓުގައި އުވައިޝްގެ ނިތްކުރި ފަޅައިގެން ގޮސް ބޮލަށް ގެއްލުންތަކެއްވެފައިވެއެވެ. އަދި އަނގަ ފަޅައިގެން ގޮސް، ވައަތު ފައިވެސް ބިންދައިގެން ގޮސްފައިވެއެވެ.

އެ އެކްސިޑެންޓުގައި އުވައިޝްގެ އިތުރުން ދެ މީހަކަށްވެސް އަނިޔާވެފައިވެއެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެ މީހުންގެ ހާލުވެސް ސީރިއަސްއެވެ. 

"ލޯމާ" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާވީ އުވައިޝްގެ އިތުރުން އިތުރު ފިރިހެނަކާއި އަންހެނަކަށެވެ. އެ މީހުން އެއް ސައިކަލުގައި ތިބިއިރު، ސައިކަލު ދުއްވަން އިން ފިރިހެން މީހާއަށް ބޮޑެތި އަނިޔާތަކެއްވަނީ ވެފައެވެ. އެ މީހާގެ ސިކުނޑިއަށް ލޭ އެޅިފައިވާއިރު އެ މީނާއަށްވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. 

އެ އެކްސިޑެންޓުގައި ދެން އަނިޔާވި އަންހެން މީހާގެ މޫނަށްވެސް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އަދި އެކިވަރުގެ އަނިޔާ އޭނާއަށް ލިބިފައިވެއެވެ. 

"ލޯމާ" އަށް އެނގިފައިވާ ގޮތުގައި އުވައިޝް މިހާރު ވަނީ ވެންޓިލޭޓަރުން ނަގައިފައެވެ. އަދި އޭނާ ހޭ އަރާފައިވާއިރު، ސިކުނޑިއަށް ކޮންމެވެސް ވަރަކަށް ލޭ އެޅިފައިވާކަން އެނގިފައިވެއެވެ. ނަމަވެސް ސާޖަރީކުރާ ވަރު ނުވެއެވެ.

އުވައިޝްގެ އާއިލާއިން އަންނަނީ އޭނާ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.  އޭނާގެ ހާލު ކުރިއަށްވުރެ މިހާރު ރަނގަޅުކަންވެސް އެނގިފައިވެއެވެ، 

އުވައިޝް ފަސޭހަ ރީޖާޗު ފެށީ އޭނާގެ އުމުރުން 17 އަހަރުގައެވެ.

ފަސޭހަ ރިޗާޖްގެ އިތުރުން އުވައިޝް ވަނީ 2020 ވަނަ އަހަރު އިލެކްޓްރިކް ސާމާނު ވިއްކުމުގެ ވިޔަފާރިއެއްވެސް ފަށާފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok