މަލީހު މިކިޔާ އެއްޗަކުން ނިދަންވީ ކޮންއިރަކު ކަމެއް ނޭނގުނު!

Follow @loamaaOnline
--

---


ކުރީ ސަރުކާރުގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރު އަދި މިހާރު، ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު މި ވަނީ ސޯޝަލް މީޑިއާގައި މި ފަހުން ވަރަށް ބޮޑަށް އެކްޓިވްވެފައެވެ. 

މަލީހް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވުން އިތުރުކޮށްފައި މިވަނީ ޕީޕީއެމް ހިންގުމަށް ރައީސް ޔާމީން އެކުލަވާލެއްވި ސްޓްރިއަރިން ކޮމިޓީއެއް ކަމަށް ބުނެ، މަލީހް ލީޑުކުރައްވައިގެން ޕީޕީއެމްގެ ލީޑަޝިޕަށް ނޭނގި އެ ޕާޓީގެ އޮފީހުގައި ޖަލްސާއެއް ބޭއްވި މައްސަލައިގައި އޭނާ ޕާޓީން ވަކިކުރުމާ ގުޅިގެންނެވެ.

މަލީހަށް ފަހު، ރައީސް ޔާމީންވެސް އަދި އެ މަނިކުފާނަށް ތާއީދުކުރައްވާ ގިނަ ބަޔަކުވެސް ވަނީ ޕީޕީއެމް ދޫކުރައްވައިފައެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލްވެސް ހިމެނިވަޑައިގަންނަވައެވެ.

ޕީޕީއެމުން މަލީހް ވަކިކުރި ރޭގައި އެކްސްގައި މަލީހް ވަނީ "މިއީ ބޮޑު ރެޔެއް ކަމަށާއި އެއްވެސް ބޭފުޅަކު ނިދުން ރަނގަޅު ނޫން" ކަމަށް ވިދާޅުވެފައެވެ. ޖެހިގެން އައި ރޭވެސް މަލީހް ވަނީ އެފަދަ ޕޯސްޓެއް އެކްއަށް ދޫކޮށްލައްވައިފައެވެ.

އޭގެ ފަހުން މި މަހުގެ 25 ގައި މަލީހް އެކްސްގައި ވިދާޅުވީ، އެރޭ ހޭލާ ތިބޭނެ ކަމެއް ނެތް ކަމަށެވެ.

"މިރޭ މިއީ ބުޅާތައް ގޯނިން ބޭރުވާ ރޭ. މިރޭ ހޭލާ ތިއްބެވުމުގެ ބޭނުމެއް ނެތް" މަލީހް ވިދާޅުވިއެވެ.

މަލީހް އިއްޔެ ރޭގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަނެއްކާވެސް ނިދުން ރަނގަޅު ނޫން ކަމަށާއި އަޕްޑޭޓް އެބަހުރި ކަމަށެވެ. އަދި ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިވަޑައިގެންފައިވެއެވެ. 

މަލީހްގެ ނިންޖާ ގުޅޭ ޕޯސްޓްތައް އެތައް ބަޔަކު ވަނީ ޝެެއާކޮށްފައެވެ. އަދި ބައެއް މީހުން ވަނީ ނިދަންވީ އިރު ނޭނގޭ ކަމަށް ބުނެ މަލީހަށް މެސެޖުވެސް ކޮށްފައެވެ. އެތައް ބަޔަކު މިކަން ނެގީ މަޖަލެއްގެ ގޮތުގައެވެ. ނަމަވެސް މަލީހްގެ އެ ނިންމެވުންތައް ސީރިއަސްކޮށް ނެގި ބަޔަކުވެސް އެބައުޅެއެވެ.

ފާއިތުވި ދެތިން ދުވަހެއްގައި ނުނިދުމަށް ވިދާޅުވެފައި، މަލީހް ރޭގެ ވަގުތެއްގައި ވަނީ އޭނާގެ ޕޯސްޓްތައް ޝެއާކުރި މީހުންނަށް ސަމާސާ މިޒާޖެއްގައި ޅެން ބައިތެއް ހިއްސާކުރައްވައިފައެވެ.

"ހޭލާ ދަންވަރުގައި ނޫޅޭށޭ، މޭގާ ގިންޏޭ ރޯވެ އަނދާނީ މޭ ފިހިދާނެއޭ" މަލީހް ވިދާޅުވިއެވެ.

އެ ޕޯސްޓާއެކުވެސް އެތައް ބައެއްގެ ސަމާލުކަން ވަނީ މަލީހްއަށް ލިބިފައެވެ. މަލީހް މިކިޔާ އެއްޗަކުން ހުންނަންވީ ހޭލާ ކަމެއް ނިދަންވީކަމެއް ނޭނގުނެވެ. އެއްބަޔަކަށް މަލީހަކީ ނިންޖާ ބެހޭ ޑޮކްޓަރެކެވެ. އަނެއް ބަޔަކަށް މަލީހް ހުއްދަ ނުދެނީން ލޮލުފިޔަ ޖަހަން ހަމަ ލާހިކެއް ނޫނެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok