ހޮޅުދޫ ބޯޓުގައި ރޯވި ހާދިސާގައި ގެއްލުނު ލ. މާވަށް، އަހިމާގެ، އަލީ މުޝްފިގު މުހައްމަދު ޝަރީފް 25އ މަރުވީ ކަމަށް ނިންމައި، އޭނާގެ މައްޗަށް މާދަމާ ޣައިބަށް ކަށު ނަމާދުކުރަން އިއުލާނުކޮށްފިއެވެ.
މާވަށު ކައުންސިލުން މީގެ އިރުކޮޅެއްކުރިން ކުރި އިއުލާނެއްގައި ބުނީ، މުޝްފިގުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މާދަމާ ހުކުރު ނަމާދަށް ފަހު "މަސްޖިދުލް ބިލާލް" ގައި ކަމަށެވެ.
ކަށު ނަމާދަށް ވީހާވެސް ގިނަ ބަޔަކު އައުމަށް އާއިލާއިން އެދޭކަމަށްވެސް އެ އިއުލާނުގައިވެއެވެ.
މުޝްފިގާއެކުގައި 18 މީހަކު ހޮޅުދޫ ބޯޓުން ދަތުރުކުރިއެވެ. މުޝްފިގު ފިޔަވައި އެހެން އެންމެން ސަލާމަތްވެފައިވާއިރު، މުޝްފިގާއެކުގައި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮވެސް އެ ދަތުރުގައި ބައިވެރިވިއެވެ. މުޝްފިގުގެ ކޮއްކޮ ބުނެފައިވާ ގޮތުގައި ބޯޓުގައި ރޯވުމާއެކު އެ ދެބެއިން މޫދަށް ފުންމާލީ އެކުއެކީގައެވެ. އޭގެ ބޯޓު އެ މީހުންނާ ދިމާލަށް އައުމުން ބޯޓުގައި ފައި ވިއްދާ ދުރަށް ކޮއްޕާލި ކަމަށާއި އޭގެ ފަހުން ބޭބެ ނުފެންނަ ކަމަށް މުޝްފިގުގެ ކޮއްކޮ ބުނެފައިވެއެވެ.
މުޝްފިގު ހޯދަން އެމްއެންޑީއެފުން ވަނީ ވަޔާއި ކަނޑުގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފައެވެ.