ހޮޅުދޫ ބޯޓުގެ އަލިފާނުގެ ހާދިސާގައި ކަނޑުވި މީހުން ސަލާމަތް ކުރުމަށް ތ. ކަނޑޫދޫ ކައުންސިލް މެންބަރު އިލްޔާސް މަހުމޫދު ކުރެއްވި ބުރަ މަސައްކަތަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޝުކުރު އަދާކުރައްވައިފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ތ. ހިރިލަންދޫއިން ފުރައިގެން މާލެ ދިއުމަށް ދަތުރުފަށާފައިވަނިކޮށް އެ އަތޮޅު ކަނޑޫދޫ ކައިރިން ހޮޅުދޫ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި އެ ބޯޓުގައި ތިބި 17 މީހަކު ކަނޑުވެ އެކަކު ގެއްލިފައިވެއެވެ.
ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެ، އަނދަމުންދިޔަ ވަގުތުގައި، ކަނޑޫދޫން ލޯންޗުތަކުގައި އެ ސަރަހަދަަށް ގޮސް ކަނޑުވެފައި ތިބި މީހުން ވަނީ ސަލާމަތްކޮށްފައެވެ. އެކަމުގައި ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާނާއި ކައުންސިލް މެންބަރު އިލްޔާސް މަހުމޫދު އިސް ދައުރެއް އަދާކުރެއްވިއެވެ.
ހޮޅުދޫ ބޯޓުން ކަނޑުވި މީހުން ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައިވާއިރު، އެ ވީޑިއޯ އެކްސްގައި ހިއްސާކުރައްވައި މިނިސްޓަރު އާދަމް ޝަރީފް ވަނީ ހޮޅުދޫ ބޯޓުގެ އަލިފާނުގެ ހާދިސާގައި ކަނޑުވި މީހުން ސަލާމަތް ކުރުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅަކީ ތ. ކަނޑޫދޫ ކައުންސިލް މެންބަރު އިލްޔާސް މަހުމޫދު ކަން ފާހަގަކުރައްވައިފައެވެ.
"އަމިއްލައަށް އިސް ނަންގަވައި، އެހެން ބޭފުޅުންނާއެކު ކައުންސިލް މެންބަރު އިލްޔާސް މަސައްކަތް ކުރެއްވީތީ އުފާކުރަން." މިނިސްޓަރު ވިދާޅުވިއެވެ.
ހޮޅުދޫ ބޯޓުން ގެއްލިގެން ހޯދަމުން އަންނަނީ، ލ. މާވަށް އަލީ މުޝްފިގު 25އ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުގެ މަގުން ކުރަމުން އަންނައިރު އަދިވެސް އޭނާ ފެނިފައެއް ނުވެއެވެ.
"ދުއާއަކީ އަލީ މުޝްފިޤަށް ހެޔޮ ރަޙުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން. އާމީން" މިނިސްޓަރު ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ހޮޅުދޫ ބޯޓުގައި ރޯވީ، ކަރަންޓު ޝޯޓެއްގެ ސަބަބުން ޖަނަރޭޓަރު ރޫމްގައި އަލިފާން ހިފުމުންނެވެ. މުޅި ބޯޓަށް ހުޅުގަނޑު ފެތުރެން ނެގީ ދެ މިނެޓުު ކަމަށް ބޯޓުގެ ކައްޕި ބުނެފައިވެއެވެ،