ހޮޅުދޫ ބޯޓުގައި ރޯވުމާއެކު އެންމެން ފުންމާލީ މޫދަށް! ދުޢާއަކީ ގެއްލިގެން ހޯދާ މުޝްފިގު ހެޔޮހާލުގައި ފެނުން!
ތ. ހިރިލަންދޫއިން ފުރައިގެން މާލެ ދިއުމަށް ހޮޅުދޫ ބޯޓު (މާވަށު ބޯޓު) ދަތުރުކުރަމުންދަނިކޮށް އެ އަތޮޅު ކަނޑޫދޫ ކައިރިން މިވަނީ ރޯވެ، އެ ބޯޓު އެއްކޮށް އަނދައި ހުލިވެފައެވެ. އަދިވެސް އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލެއް ނުވެއެވެ.
މައުލޫމާތު އެނގޭ ފަރާތަކުން "ލޯމާ" އަށް ބުނި ގޮތުގައި އަލިފާން ފުރަތަމަ ރޯވީ އެ ބޯޓުގެ ލައިފް ޖެކެޓްތައް ހުންނަ ބައިގައެވެ. ބޯޓުގައި އަލިފާން ރޯވެ، ފެތުރެން ފެށުމުން އެ ބޯޓުގައި އެވަގުތު ތިބި 18 މީހުންވެސް ފުންމާލީ ކަނޑަށެވެ. އޭގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން، ގަދަވެ ސަލާމަތުން ތިއްބައި ފެނިފައިވާއިރު، އެ ބޯޓުގައި މަސައްކަތްކުރާ އެންމެ ހަގު އެކަކު ކަމަށްވާ ލ. މާވަށް، އަލީ މުޝްފިގު 25އ ގެއްލިގެން އަދިވެސް ދަނީ ހޯދަމުންނެވެ.
މާވަށު ބޯޓުގެ ފަޅުވެރިޔަކު ބުނި ގޮތުގައި ބޯޓުގައި ރޯވުމާއެކު އެންމެން ފުންމާލިއިރު، މުޝްފިގުވެސް ފުންމާލިއެވެ. ނަމަވެސް އޭގެ ފަހުން އޭނާ ނުފެންނަ ކަމަށް ބުންޏެވެ.
"އަހަރެމެން އެންމެން ތިބީ އެއްކޮށް ފުންމާލައިގެން، އޭނާވެސް ފުންމާލި، ދެން ނޭނގެ ވީ ގޮތެއް' އޭނާ ކިޔައިދިނެވެ.
ބޯޓުން ދަތުރުކުރި މީހުން ސަލާމަތްކޮށްގެން ގެންދިޔައީ ކަނޑޫދޫއަށެވެ. ދެ މީހަކަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާވެސް ދިނެވެ. ނަމަވެސް އެންމެންގެ ހާލުވެސް ރަނގަޅެވެ. ލޮނުބޮވުން ފިޔަވައި އަނިޔާއެއްވެފައެއް ނެތެވެ.
އެންޑީއެފުން ކައްދޫ ފަޔާ ސްޓޭޝަނުގެ ސިފައިން މިހާރު އަންނަނީ އެ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މަންޒަރު ދުށް ފަރާތްތަކާއި ބައެއް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ތިން ބުރިއަށް ހަދާފައި ހުރި އެ ބޯޓުގެ މަތީ ބައި މިހާރު ވަނީ އެއްކޮށް އަނދައި އަޅިއަށްވެފައެވެ.