ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު އާދީއްތަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލުކޮށްފައިވަނިކޮށް ޖޭއެސްސީން ވަނީ ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސްކޫލީ މައްސަލަތަކެއް ބަލަން ފަށައި، އެ ފަނޑިޔާރުން ސަސްޕެންޑްކޮށްފައެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުން:
- ފަނޑިޔާރު މަހާޒު އަލީ
- ފަނޑިޔާރު ހުސްނުއްސުއޫދު
- ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު
ޖޭއެސްސީގެ ސަސްޕެންޝަނާއެކު، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސުއޫދު ވަނީ މިދިޔަ ހަފްތާގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ މައްޗަށް ބަލަމުންދާ އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދު ކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތެކެވެ.
މި މައްސަލައިގައި، އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށެވެ. މަހާޒު ހާޒިރުވާން އަންގާފައިވަނީ އެ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރަށެވެ.
މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ މިހާރު އޮތީ ހުއްޓިފައެވެ.