ޝިޒޮފްރޭނިއާ! ވޭންހުރި ބައްޔެއް

Follow @loamaaOnline
Mental disorder

ފޮޓޯ --- ފްރީޕިކް


ޝިޒޮފްރޭނިއާ އަކީ ނަފްސާނީ ބައްޔެއްގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ. އެއީ ސިކުނޑި މަސައްކަތްކުރާ ގޮތަށް ބުރޫއަރުވައި، ވިސްނުމާއި ހަނދާނާއި ހިއްސުތަކާއި ސުލޫކު (ބިހޭވިއާ) ފަދަ ކަންކަމަށް ހުރަސް އެޅުމެވެ. ނަތީޖާއެއްގެ ގޮތުން ދުވަހުން ދުވަހަށް ދިރިއުޅުމުގެ ގިނަ ކަންކަމުގައި އުނދަގޫތަކެއް ކުރިމަތިވެދެއެވެ.

ޝިޒޮފްރޭނިއާ ޖެހިފައިވާ މީހުންނަށް މުޅި އުމުރަށް ފަރުވާ ދޭން ޖެހިދާނެއެވެ. ގިނަ ކޭސްތަކުގައި މި ބަލިވަނީ ދިގު މުއްދަތަކަށް ދެމިގެންގޮސްފައެވެ. އަވަސް ފަރުވާ ދިނުމުން ސީރިއަސް ކޮމްޕްލިކޭޝަންތައް އުފެދުމުގެ ކުރިން އަލާމާތްތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. 

ދުނިޔޭގެ އާބާދިއަށް ބަލާއިރު، ގާތްގަނޑަކަށް 0.3 ޕަސަންޓާއި 0.7 ޕަސަންޓާ ދެމެދުގެ އަދަދެއްގެ މީހުންނަށް ޝިޒޮފްރޭނިއާ ޖެހިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 2017 ވަނަ އަހަރު 1.1 މިލިއަން މީހުން އަލަށް މި ބަލި ޖެހިފައިވާ ކަމަށް ސިއްހީ އިދާރާތަކުން ލަފާކޮށްފައިވާއިރު، މިދިޔަ އަހަރު ދުނިޔޭގައި ޖުމްލަ 24 މިލިއަން ކޭސް ފެނިފައިވެއެވެ. (މަސްދަރު: ގްލޯބަލް ބާރޑަން ޑިޒީޒް 2017).

އާކައިވްސް އޮފް ޖެނެރަސް ސައިކެއިޓްރީން ބުނާގޮތުގައި ޝިޒޮފްރޭނިއާ ތަހައްމަލުކުރާ މީހުންގެ ފަސް ޕަސެންޓް މީހުން އަމިއްލައަށް މަރުވެއެވެ. މި ބައްޔަކީ ފަރުވާ ނުކުރެވިއްޖެނަމަ ވަރަށް ވޭންހުރި ބައްޔެކެވެ. 

މި ބަލީގެ އަލާމަތްތަކަކީ ކޮބާ؟ 

ޑެލިއުޝަންސް: މިއީ ހަގީގަތުގައި ބިނާވެފައި ނުވާ ދޮގު އަގީދާތަކެކެވެ. މިސާލަކަށް ތިމާއަށް ގެއްލުމެއް ނުވަތަ އުނދަގޫތަކެއް ލިބެމުންދާހެން ހީވުމާއި ވަކި އިޝާރާތްތަކެއް ނުވަތަ ކޮމެންޓްތަކެއް ތިބާއަށް އަމާޒުކޮށް މީހުންކުރާހެން ހީވުމެވެ. މީގެ ސަބަބުން ހަގީގަތާއި އަސްލު ވަކިކުރަން އުނދަގޫވެއެވެ.  

ހެލޫސިނޭޝަންސް: މިއީ އާންމުކޮށް ނެތް އެއްޗެހި ފެނުމާއި އަޑުއިވުމެވެ. ނަމަވެސް ޝިޒޮފްރޭނިއާ ޖެހިފައިވާ މީހާއަށް މިކަން ތަޖުރިބާކުރެވޭނީ އެއީ އަސްލުކަމަށެވެ. ހޭލޫސިނޭޝަނަކީ ކޮންމެ ހިއްސެއްގައިވެސް ތަޖުރިބާ ކުރެވިދާނެކަމެކެވެ. ނަމަވެސް އަޑުތައް އިވުމަކީ އެންމެ އާންމު ހޭލޫސިނޭޝަނެވެ.

ޑިސްއޮގަނައިޒްޑް ތިންކިން (ވާހަކަ ދެއްކުން): ވާހަކަދައްކާއިރު ހަމަނުޖެހޭ ވާހަކަދެއްކުން. ޖުމްލައެއްގެ ތެރެއިންވެސް ބުނަންއުޅޭ އެއްޗެއް އޮޅުން އަރާ ވަރަށް ކޮންފިއުޒްވުން.

ނެގެޓިވް އަލާމާތްތައް: މިއީ އާންމު ގޮތެއްގައި މަސައްކަތް ކުރުމުގެ ގާބިލުކަން ކުޑަވުން ނުވަތަ ދަށްވުމެވެ. މިސާލަކަށް އެމީހަކު އަމިއްލަ ސާފުތާހިރުކަމަށް އިހުމާލުވެވުމާއި އެމީހެއްގެ ކޮންމެ ދުވަހަކު ކުރާ ކަންކަމަށް ޝައުގުވެރިކަން ގެއްލި، އިޖުތިމާއީ ގޮތުން ދުރުވެ ނުވަތަ އުފާވެރިކަން ތަޖުރިބާ ކުރުމުގެ ގާބިލުކަން ނެތުމެވެ. 

މިބަލި ޖެހޭ ސަބަބުތަކަކީ ކޮބާ؟

ޝިޒޮފްރޭނިއާ ޖެހެނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގުނު ނަމަވެސް ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި ޖެނެޓިކްސް އާއި ސިކުނޑީގެ ކެމިސްޓްރީ އަދި މާހައުލު އެއްކޮށްލުމުން މި ބަލި އުފެދެ އެވެ.

ޑޮޕަމިން އަދި ގްލޫޓާމޭޓް ކިޔާ ނިއުރޯޓްރާންސްމިޓަރުތައް ހިމެނޭ ގޮތަށް ސިކުނޑީގައި ގުދުރަތީ ގޮތުން އުފެދޭ ވަކި ކެމިކަލްތަކުގެ މައްސަލަތަކަކީ ޝިޒޮފްރޭނިއާއަށް މެދުވެރިވާ ސަބަބުތަކެކެވެ. ނިއުރޯއިމޭޖިން ދިރާސާތަކުން ދައްކާ ގޮތުގައި ޝިޒޮފްރޭނިއާ ޖެހިފައިވާ މީހުންގެ ސިކުނޑީގެ އޮނިގަނޑާއި މަރުކަޒީ ނާރުތަކުގެ ނިޒާމުގައި ތަފާތުތަކެއް ހުރެއެވެ. މި ބަދަލުތަކުގެ މުހިންމުކަމާ މެދު ދިރާސާވެރިން ޔަގީން ނުވި ނަމަވެސް، ޝިޒޮފްރޭނިއާ އަކީ ސިކުނޑީގެ ބައްޔެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

މި ބަލީގެ ރިސްކު އޮތީ ކޮން ބަޔަކަށް؟

  • އާއިލީ ތާރީހެއްގައި ޝިޒޮފްރޭނިއާ ޖެހިފައިވާ މީހަކު ހުރުން.
  • މާބަނޑު ދުވަސްވަރާއި ވިހެއުމުގައި ދިމާވާ ބައެއް އުދަނގޫތައް ކަމަށްވާ ކާނާ ލިބުން މަދުވުން ނުވަތަ ސިކުނޑީގެ ތަރައްގީއަށް އަސަރު ފޯރުވާފާނެ ވިހަ މާއްދާތައް ނުވަތަ ވައިރަސްތަކަށް ހުށަހެޅުން ފަދަ ކަންކަންވުން.
  • ފުރާވަރުގެ އުމުރާއި ޒުވާން އުމުރުގައި ސިކުނޑި ބަދަލުކޮށްދޭ (ސައިކޮއެކްޓިވް ނުވަތަ ސައިކޮޓްރޮޕިކް) ބޭސްތައް ބޭނުންކުރުން.
  • ދިގު މުއްގަތަކަށް ޑްރަގް ބޭނުންކުރުން.

ދަންނަ، ނުވަތަ ގާތް މީހަކުގެ ފަރާތުން މިފަދަ ކަމެއް ފެންނަ ނަމަ ލަސްނުކޮށް ޕްރޮފެޝަލަން އެހީ ހޯދައިދިނުން މުހިއްމެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok