ވާހަކަ: އިއުތިރާފް (ހަތަރުވަނަބައި)

Follow @loamaaOnline
Iuthiraaf Part 4

ފޮޓޯ: އަންސްޕްލޭޝް


އިއުތިރާފް -4 

ދެއާއިލާގެ ގުޅުން ބަދަހި ކުރުމަށްޓަކައި އަޒާންގެ ގެއަށް ކެއުމަކަށް ދައުވަތު ލިބުނު ރެއެކެވެ. އަޒާންގެ މަންމައާއި ބައްޕަގެ އޯގާތެރިކަން ފެނި އަހަރެންގެ މައިންބަފައިން ތިބީ އުފަލުންނެވެ. މަންމަގެ މޫނުމަތިން އެފަދަ އުފާވެރިކަމެއް ފެނުމުން އަހަރެންގެ ހިތްފުރުނެވެ. ކެއުން ނިމިގެން ނިކުމެ ދެއާއިލާ ވާހަކަ ދައްކަން މަޑުކޮށްލިއެވެ. 


"ނައިރާ އެކަނި ދޯ ތިއާއިލާގައިވެސް ހުންނަނީ؟" އަޒާންގެ މަންމަގެ އެސުވާލާއެކު އަހަރެންގެ މަންމަ ހާސްވެފައި އަހަރެންނަށް ބަލާލިއެވެ. އަހަރެންގެ ކުރިމަތީގައި ބޭބެގެ ވާހަކަ ދެއްކުމަކީ މަންމަމެން ކުރާ ކަމެއް ނޫނެވެ. 

"އެހެން ކުއްޖަކުވެސް ލިބުނު. މިހާރު އެކަމަކު ދުނިޔޭގައެއް ނެތް." މަންމަ ގަދަކަމުން ހިނިތުންވެލަމުން ޖަވާބު ދިނެވެ. އަހަރެންވެސް އިނީ ގަދަކަމުން ކަރުނަ ހިފަހައްޓައިގެންނެވެ. ނަސީބަކުން އަޒާންގެ މަންމަ އިތުރަށް އެވާހަކައެއް ނުދައްކައެވެ. 

އެދުވަހަށް ފަހު މަންމަމެންގެ ގުޅުން ބަދަހިވެ އެމީހުންގެ ބައްދަލުވުންތައް ވެސް އިތުރުވިއެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުންދިޔައެވެ. 

އަހަރެމެންގެ އާއިލާއިން އަހަރެމެންގެ ކައިވެނި ކުރުވުމަށް ނިންމި ދުވަހަކީ އަހަރެން ދުވަހަކުވެސް ހަނދާންނެތޭނެ ދުވަހެއް ނޫނެވެ. އަޒާންގެ ގެއަށް އެދުވަހު ކެއުމަކަށް ދައުވަތު ދެވުނީ ރޭވުމެއްގެ ދަށުންކަމެއް އަހަރެންނަށް ނޭނގެއެވެ. ކެއުން ނިންމާލުމަށްފަހު އަޒާންގެ ބައްޕަ އަހަރެމެންގެ ކައިވެނި ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރުމުން އުފަލުން އަހަރެންގެ ހިތް ފުރުނެވެ. އެދުވަހު ރަންކިޔުމުގެ ކަންކަން ކުރިއަށް ގެންދެވުނެވެ.
ރަންކިޔުން ނިމިގެން ފެންފޮދެއް ބޮއުމަށް އަހަރެން ބަދިގެއަށް ވަންނަނިކޮށް އެތަނުން ނިކުންނަންއައި ނޯކަރެއްގެ ގައިގައި ޖެހިފައި އޭނާގެ އަތުގައި ހުރި ބުއިންތަކެއް އަހަރެންގެ ހެދުމަށް އެޅުނެވެ. އޭނާ މައާފަށް އެދުމުން އަހަރެން އެއީ ކަމެއް ނޫންކަމުގައި ބުނީމެވެ. ނަމަވެސް ހެދުން އެއްކޮށް ތެމިފައި ހުރުމުން މަންމަމެންގެ ހުއްދައާއި އެކު ހެދުން ބަދަލުކުރަން އަޒާންއާއި އެކު އަހަރެން ގެއަށް އައީމެވެ. މަންމަމެން މަޑުކުރީ ކައިވެނީގެ ބައެއް ކަންކަން ނިންމަން ޖެހޭތީއެވެ.

ގޭގައި އެއްވެސް މީހަކު ނެތުމުން އަޒާން އެކަނި ގޭތެރޭގައި އިނުން އަހަރެންނަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އަހަރެން ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލަންދެން ކޮޓަރީގައި މަޑުކޮށްލުމަށް ބުނެފައި ހެދުން ހިފައިގެން ފާޚާނާއަށް ވަނީމެވެ. އެއީ އަޒާން އަހަރެންގެ ކޮޓަރިއަށް ވަތް ފުރަތަމަ ފަހަރު ކަމުން އޭނާ ކޮޓަރީގެ އެކި ކޮޅުކޮޅަށް ބަލަމުން ދިޔައެވެ. އަހަރެން ނިމިގެން ނުކުތްއިރު އަހަރެންގެ އާއިލާގެ ފޮޓޯ އަކަށް ބަލަން އަޒާން ހުއްޓެވެ. އަހަރެން ނުކުތުމުން ބޭބެ ދައްކާފައި އެއީ ކާކުތޯ އެހިއެވެ.

 "އެއީ އަހަރެންގެ ބޭބެ." އަހަރެން އެހެން ބުނުމާއެކު އަޒާން ސިހިފައި އަހަރެންގެ މޫނަށް ބަލާލިއެވެ.

 "އަހަރެން ކުރިން މިވާހަކަ ކިޔައިނުދިނީ އަހަރެންގެ އެހާ ހިތްވަރު ނެތީމައި. އެކަމަކު މިހާރު އެއީ އަޒާންއަށް ވެސް އެނގެންޖެހޭނެ ވާހަކައެއް." އަހަރެން ވާހަކަ ދައްކަމުން އެނދުމަތީގައި އިށީންނީ ފައި ތުރުތުރުލާން ފެށުމުންނެވެ.

"އަހަރެންގެ ބޭބެ ދުނިޔެއަކު ނެތް. ފޮޓޯ ފެނުނީމަވެސް އެނގޭނެކަން ނޭނގެ. އޭރު ޓީވީން ވަރަށް ގިނައިން ދައްކާނެ. ބޭބެ މަރާލާފައި އޮއްވާ ފެނުނީ އަހަރެންނަށް. މިގޭ.... މިގޭ ދޮރުމަތީގައި....." އަހަރެންނަށް އިތުރަށް ވާހަކަ ނުދެއްކި ހުއްޓައިލި އިރު ގިސްލެވެނެ ފަށައިފިއެވެ. ބޭބެ ގެ ލެއިން ކަޅިވެފައިވާ ހަށިގަނޑު ސިފަވާންފެށިއެވެ. ހިތްވަރުކޮށްފައި ވާހަކަ ކުރިއަށް ގެންދިޔައީމެވެ. 

"އެރޭ ދަރުބާރުގޭގައިއޮތް އިވެންޓްއަކަށް ބޭބެ އަހަރެން ގެންގޮސްދިނީ. އެއީ ބޭބެ ދިރިހުއްޓައި ފެނުނު އެންމެ ފަހު ފަހަރު. ނިމިގެން ގުޅުމުން ބޭބެ ފޯނެއްވެސް ނުނެގި. ބައްޕައަށްވެސް ނުގުޅުނީމަ ކާރެއްގައި އައީ. ކާރު މަޑުކުރީ ތަންކޮޅެއް ދުރަށް. ހިނގާފައި މިހިސާބަށް އައި އިރު.... އައި އިރު ފެނުނީ...... މަރާލާފައި............. ވަރަށް ވަރުކޮށްލާފައި އޮތީ. ފެނިފައި އަހަރެން ހޭނެތުނީ..... ފަހު ސަލާމެއްވެސް ނުކުރެވުނު. ހޭއެރިއިރު ވަޅުލައިފި....." ރޮވޭ ވަރުން އަހަރެންނަށް ވާހަކަ ނުދެއްކިގެން ހުއްޓައިލުމުން އަޒާން އަހަރެންގެ ކައިރިއަށް އައިސް އަހަރެން ކޮނޑުގައި އަތް އަޅުވައިލަމުން އޭނާއާއި ގާތަށް ގެނައެވެ. 

"އެކަންތައް ކުރީ ކޮންބައެއްކަމެއް ފުލުހުންނަކަށް ނުހޯދުނު. ތުހުމަތުގައި ހައްޔަރު ކުރިދެމީހުންވެސް ދޫކޮށްލީ ހެކި ނުލިބުމުން. ޝައްކު ކުރެވޭ މީހަކުވެސް ނެތް. ބޭބެއާ މީހާކާ މައްސަލައެއް ޖެހިފައި އޮތްކަމެއް އެކަކަށްވެސް ނޭނގޭ. ބޭބެގެ ގާރލްފްރެންޑާ ހުރިހާ ފްރެންޑްސްވެސް ބުނަނީ އެކަކާވެސް މައްސަލައެއް ނުޖެހޭ ކަމަށް. އެކަހަލަ ވާހަކައެއްވެސް ނުދައްކާ ކަމަށް." އަނެއްކާވެސް އަހަރެންނަށް ރޮވުނެވެ. 

"ހައްޔަރު ކުރިމީހުން ދޫކޮށްލުމުން ބައްޕަމެން އެހާވަރުން އިތުރަށް އެމައްސަލަ ބަލަން ނޫޅުނީ އަހަރެންގެ ހާލު ހުރިގޮތުން. ގާތިލުން ހޯދުމަށްވުރެ ބައްޕައަށް މުހިންމުވީ ދިރިހުރި ހަމައެކަނި ދަރިފުޅުގެ ސިއްޚަތު. އެކި ޗެނަލްތަކުންނާ ނޫސްތަކުން ގުޅުމުންވެސް ބައްޕަ އެއްވެސް މައުލޫމާތެއް، އިންޓަވިއުއެއް ދޭން ބޭނުންނުވީ އަހަރެންނަށް އެވާހަކަ ދެކެވޭ އަޑު އިތުރަށް އިއްވަން ބޭނުންނުވާތީ. ބައްޕަ މައުލޫމާތު ނުދިނުމުން ދެން ފެނުނީ ބޭބެއާއި ގޭންގުތަކާއި ގުޅުވައި އެމީހުން ހަދަހަދައިގެން ވާހަކަ ދައްކާތަން. ފަޔާޒް...." ފަޔާޒްގެ ނަން އަހަރެން ކިޔުމާއި އެކު އަޒާންގެ ހަށިގަނޑު ސީދާކޮށްލި ގޮތުން އަހަރެން ހާސްވިއެވެ. އެކަމަކު އެކަމަށް އެވަރަށް ސަމާލުކަން ނުދީ އަހަރެން ވާހަކަ ކުރިއަށް ގެންދަން ފެށީ، ވާހަކަ ހުއްޓައިލައިފިނަމަ ދެން ފަށާނެ ހިތްވަރު އަހަރެންނަށް ނުލިބިދާނެތީއެވެ. 

"ފަޔާޒް އަހަރެންނާއި ގުޅުން ކަނޑާލީ އެވާހަކަތައް ގަބޫލުކުރެވުނީމަ. އޭނާގެ އާއިލާ އެއްބަސް ނުވީ ގޭންގުތަކާއި ގުޅުން އޮތް އާއިލާއެއްގެ ކުއްޖަކާ ގުޅުން ބާއްވަން. އެކަން އަހަރެންނަށް އެނގުނީ މެލޭޝިއާއަށް ދިޔަ ފަހުން. ބޭބެގެ ގާރލްފްރެންޑް ވެސް އޭނާގެ ރަށަށް ބަދަލުވީ މާލޭގައި ހުރުމުން ބޭބެގެ ހަނދާންތައް އާވާތީ.

މިއީ އެހާ ހަލަބޮލި މަގެއް ނޫންވީމަ އެކަންތައް ފެނުނު މީހެއްވެސް ނެތް. ހުއްޓަސް މިޒަމާނު ކާކު ހެކިބަސް ދޭނީ. ބައެއް ފަހަރު ހިތަށް އަރާ ބައްޕަމެން އެކަންތައް ކުރި މީހުން ހޯދަން މަސައްކަތް ކުރިނަމައޭ." މަޑުމަޑުން އަހަރެން ވާހަކަދެއްކީމެވެ. 

ވަރަށް ގިނައިރު އަޒާންގެ އަތުތެރޭގައި އޮވެ ރުއިމަށް ފަހު އަހަރެން ހަމައަކަށް އެޅުނެވެ. އަޒާން އެއްވެސް ވާހަކައެއް ނުދައްކާ އަހަރެންގެ ބުރަކަށީގައި ފިރުމަން އިނެވެ.

އިރުކޮޅެއްފަހުން އަހަރެންގެ ރުއިން ހުއްޓުމުން އަޒާން އަހަރެންގެ ކޮނޑުގައި ހިފައި ސީދާކޮށްލަމުން މޫނު ދޮވެލަން ދިޔުމަށް އެދުނެވެ. އަހަރެން މޫނު ދޮވެލައިގެން ނިކުތްއިރު އަޒާން އަހަރެންގެ އެނދުގައި އުއްޑުން އޮށޯވެގެން ބޮލުގައި ހިފަހައްޓައިގެން އޮތެވެ. ކުއްލިއަކަށް މިއެނގުނު ކަންތައްތަކުން އަޒާންއަށް އަސަރުކޮށްފައިވާކަން މިކަމުން އަހަރެންނަށް އެނގުނެވެ. މަންމަ ކޮޓަރިއަށް ވަނީ އެވަގުތުއެވެ. ދޮރު ހުޅުވުނު އަޑަށް އަޒާންވެސް ތެދުވެ އިށީންދެލިއެވެ. މަންމައަށް އަހަރެންގެ މޫނު ފެނުމާއެކު ހާސްކަމާއެކު ސުވާލުކުރީ އަޒާންއާއި ދެމީހުން މައްސަލައެއްޖެހުނީތޯއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލަމުން އަޒާންއަށް ބޭބެގެ ވާހަކަ ކިޔައިދިނީކަމަށް ބުނީމެވެ. ބޭބެގެ ނަން ބުނުމާއެކު މަންމަގެ މޫނު މައްޗަށް ވެރިވި ހިތާމަވެރި އަސަރު އަޒާންއަށް ފެނުނުކަން އެނގުނީ އޭނާގެ ފެންކަޅިވެފައިވާ ދެލޯ ފެނިފައެވެ. އަހަރެންގެ އާއިލާގެ ހިތާމައިގައި އަޒާން ބައިވެރިވާކަން އެނގި އަހަރެންގެ ހިތުގައި އޭނާއަށް ދެވިފައިވީ އިހުތިރާމް އިތުރުވިއެވެ. މަންމަ މަޑުމަޑުން އެނދާއި ކުރިމަތިވާ ގޮތަށް ހުރި ސޯފާގައި އިށީންނެވެ. 

 (ނުނިމޭ)
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok