ފެނަކައިގެ ދަރަނި 2.2 ބިލިއަނަށް، ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ގޮތް ހުސްވެފައި!

Follow @loamaaOnline
--

--


ފެނަކައަކީ، ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން އުޅޭ އެއް ކުންފުންޏެވެ. ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މަދު ރަށެއް ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށަަކަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިންނެވެ. ބައެއް ރަށްރަށުގައި އައިސްޕްލާންޓާއި ފެނާއި ނަރުދަމާވެސް ފެނަކައިގެ ދަށުން ހިންގައެވެ.

މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގައި ފެނަކައިގެ ހިއްސާ ބޮޑެވެ. އެތައް ރަށެއްގެ ބާވެ، ގެދަބުޅި ޖަހާފައިވާ އިންޖީނުގެތައް އެތައް މިލިއަނެއް ހަރަދުކޮށްފައި ޗާލު ނަލަ އިންޖީނުތަކަށް ބަދަލުކޮށްފިއެވެ. ރައްކާތެރި އަދި ރައްޔިތުންނަށް އުނދަގޫ ނުވާނެ ހިސާބުތަކަށް އިންޖީނުގެތައް ބަދަލުކުރެވި، އެ ތަންތަނުން އެތައް ވަޒީފާއެއް އުފައްދައިފިއެވެ. ބައެއް ރަށްރަށުގައި ފެނަކަ މުވައްޒަފުންގެ އަދަދު 100 އަށް ވުރެވެސް އިތުރެވެ. އެންމެ މަދު އާބާދީއެއް އޮންނަ ރަށްރަށުގައިވެސް ފެނަކައިގެ 15-25 އާ ދެމެދުގެ އަދަދަކަށް ފެނައިގެ މުވައްޒަފުން ތިބޭނެއެވެ. އެ ހުރިހާ މުވައްޒަފުންގެ މުސާރައަށް އެކަނި ބެލިޔަސް އެއީ މަހެއްގެ މައްޗަށް އެތައް މިލިއަން ރުފިޔާއެކެވެ.

ފެނަކައަކީ ސަރުކާރުގެ ތަރައްގީގެ އެއް ތަނބުކަމުގައިވެފައިވާއިރު، އެ ކުންފުނިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި ކުންފުނި އޮތީ މާލީ ގޮތުން ނާޒުކު ފައްތަރެއްގައި ކަމަށް، ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކުރި ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކައެވެ. އޭގެ ތެރެއިން 800 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފެނަކައިން ދޭން ޖެހޭ ފައިސާއެވެ. އަނެއްބައި ފައިސާއަކީ އެސްޓީއޯއިން ގަންނަ ތެލަށް ފެނަކައިން ދައްކަން ޖެހޭ ރުފިޔާއެވެ. 

ފެނަކައިގެ ދަރަނި 2.2 ބިލިއަނަށް މިހާރު އަރާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރު ހަވާލުވިއިރުވެސް ފެނަކައިގައި 1.4 ބިލިއަން ރުފިޔާގެ ދަރަނި އޮތެވެ. 

"ލޯމާ" އަށް އެނގިފައިވާ ގޮތުގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް ފެނަކައިން އެސްޓީއޯގެ ތެޔޮ ބިލްތަކަށް އެއްވެސް ފައިސާއެއް ދައްކާފައެއް ނުވެއެވެ. އެއިރު، ތެޔޮ ބިލްތަކަށް ދައްކަން ޖެހޭ 1.8 ބިލިއަން ރުފިޔާ އޮތެވެ. އެކަމުގެ ސަބަބުން އެސްޓީއޯގެ ކޭޝް ފްލޯވެސް އެއިރު އޮތީ ތާށިވެފައެވެ.

ފެނަކައިން ފައިސާ ދައްކަން ޖެހޭ 100 އަށް ވުރެ ގިނަ ކުންފުނި އެބައޮތެވެ. އޭގެ ތެރެއިން ގިނައީ، ސަޕްލައިކުރާ ކުންފުނިތަކާއި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭ ކުންފުނިތަކެވެ.  ފެނަކައިގެ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން މި ފަހުން ވަނީ ނޫސްވެެރިންގެ ބައްދަލުވުމެއް ބާއްވައި، ފެނަކައާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން، ފެނަކައިގެ ސަބަބުން 5،000 އެއްހާ މުވައްޒަފުންނަށް މުސާރަ ނުދެވި، ކުންފުނިތައް ބަނގުރޫޓުވަމުންދާ ކަމަށް އެ ބުނެފައިވެއެވެ. އަދި ފެނަކައިގެ ސަބަބުން އެ ކުންފުނިތައްވެސް ދަރަމުން އަންނަ ކަމަށާއި ދަރަނިތައް ފިލުވަން ހަރުމުދާ ވިއްކަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ. 

ފެނަކައިގެ އާންމު އުސޫލަކީ 130 ދުވަސް ތެރޭ ސަޕްލަޔަރުންނާއި ކުންފުނިތަކަށް ފައިސާ ދައްކާ ހަލާސްކުރުމެވެ. ނަމަވެސް ބައެއް ކުންފުނިތަކަށް 300 ދުވަސް ފަހަނަޅާގޮސްފައިވާއިރުވެސް އެއްވެސް ފައިސާއެއް ނުދައްކާ ކަމަށް ކުންފުނިތަކުން ބުނެފައިވެއެވެ.

ފެނަކައިގެ ބޭނުމަކީ ވަޒީފާތައް އުފެއްދުން!

އަތޮޅުތެރޭގައި ކަރަންޓުގެ ހިދުމަތް ދޭން އުފައްދާފައިވާ ސަރުކާރުގެ ކުންފުނި ފެނަކަ އަކީ މާ ބޮޑު ފައިދާއެއް ވާ ތަނަކަށް ހެދުމުގެ ވިސްނުމެއް ނެތް ކަމަށާއި އެއީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތް ދޭ ތަނެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެއެވެ. 

"ފެނަކައަކީ ހަމައެކަނި ކަރަންޓު ދޭ ބައެއް ނޫން. އަނެއްކާ އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ފެނަކަ އަކީ މާ ބޮޑު ފައިދާއެއްވާ ތަނަކަށް ހަދާކަށް. އެއީ އަސާސީ ހިދުމަތް ދޭ ސަރުކާރުގެ ކުންފުންޏެއް. ވީހާވެސް ގިނަ ބަޔަކަށް ވަޒީފާ ދީ، އެ ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެހުނީމާ އަޅުގަނޑުމެންނަށް އެ ނިމުނީ.  ފެނަކައަކީ އަޅުގަނޑުމެން ކޮންމެހެން ދައުލަތަށް އާމްދަނީ ހޯދުމަށް ހަދާފައިވާ ކުންފުންޏެއް ނޫން. ބޭނުންވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ދިނުމާ އެކީގައި، ރަށްރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތެއް ހޯދައިިދިނުން" ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ހދ. ނޮޅިވަރަމުގައި ހުންނަވައި ރައީސް ވިދާޅުވެފައިވެއެވެ. 

ފެނަކައިގެ ދަރަނި ދެއްކުމުގެ މަސައްކަތް ސަރުކާރުން ފަށައިފި!

ފެނަކައިގެ ދަރަނި ބޮޑުވެ، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ރައީސް ސޯލިހު މިއަދު ވަނީ ފެނަކައިގެ ދަރަނި ދެއްކުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޮންލައިން ނޫސް "ދައުރު"ގެ ޕްރޮގްރާމެއްގައި ރައީސް ވަނީ، ފެނަކައިގެ ދެ ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން ބޮޑު ބަޔަކީ، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާ ކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް މިހާރު ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ،

"މިހާރު ޕްރައިވެޓް ސެކްޓާގެ ބައެއް ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ މިދިޔަ ހަފްތާ އަދި އޭގެ ކުރީ ހަފްތާ އިން ފެށިގެން [ދެއްކުމުގެ މަސައްކަތް] ކުރިއަށް އެބަ ގެންދޭ،" ރައީސް ވިދާޅުވެފައިވެއެވެ.

އެ ޕްރޮގްރާމްގައި ރައީސް ވަނީ، ފެނަކަ ހިންގަން ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި ހޯދުމުގެ ކަންކަން ކުރާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ. ނަމަވެސް ފެނަކައިން ސީދާ ލޯނެއް ނަގާނެ ކަމަށް ވިދާޅުނުވެ، ރައީސް ވިދާޅުވެފައިވަނީ، ކުންފުނިތައް ހިންގަން ފައިސާ ބޭނުންވާނެ ކަމަށާއި އެ ކަމަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި ހޯދާ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok