ވާހަކަ: އިއުތިރާފް (ތިންވަނަ ބައި)

Follow @loamaaOnline
Iuthiraaf Aishath Shafag Part 3

ފޮޓޯ: އަންސްޕްލޭޝް


އިއުތިރާފް -3 

"އާނ އެނގޭ. އެހާ މަޝްހޫރުވީމަ އެނގޭނެއްނު." އަހަރެން ޖަވާބުދިނީ ހިނިއައިއްސަ އިނދެއެވެ. 

"އޫހް. ނައީ އެންޑް ޕޮލިޓިކްސް؟" އަޒާން ހައިރާންވެފައި އަހާލިއެވެ. 

"އައްޗީޑި. ނޫން. ވަރަށް ފޫހިވޭ ޕޮލިޓިކްސްދެކެ. އެ އެމް.ޕީ ދެކެވެސް. ހާދަ ރުޅި އަންނަ މީހެކޭ އެއީ." އަހަރެން އަޒާންއަށް ބަލާލަމުން އެހެން ބުނުމުން އޭނާ ބުމައަރުވާލުމަށްފަހު މަސައްކަތަށް އެނބުރިއްޖެއެވެ. 

ފައިހާ އަހަރެންނަށް އޭނާގެ ދައްތަގެ ގެ ކިޔައިދިނުމަށްފަހު އޭނާގެ ދައްތައަށް ގުޅޭ ނަންބަރެއް ދިނެވެ. އަދި ދާންވީ ގަޑި ބުނެފައި އެނބުރިދިޔައީ އަހަރެންނަށް ޝުކުރުއަދާކޮށްފައެވެ.

އޮފީސް ނިމިގެން ގެއަށް ގޮސް މަންމަ ކައިރީގައި ކުއްޖަކަށް ޓިއުޝަންދޭ ވާހަކަ ބުނުމުން މަންމަ ވަރަށް އުފާވިއެވެ. ބޮލުގައި ފިރުމާލުމަށްފަހު ކުރީގެ ދިރިއުޅުމަށް އެނބުރިއަންނާތީ އުފާވާކަމަށް ބުނެލިއެވެ. އަވަހަށް ތައްޔާރު ވެލައިގެން އަހަރެން ނިކުތީ ގަޑި ޖެހެން ވާއިރަށް އެގެއަށް ދެވޭތޯއެވެ. ބައްޕަ ސައިކަލުގައި ގެންގޮސްދެންތޯ އެހުމުން އަހަރެން ނޫނެކޭ ބުނީ ހިނގާފައިދާން މާދުރުނޫން ހިސާބެއްކަމުންނެވެ. އެހެންނޫނަސް ބޭބެގެ މަރަށްފަހު އަހަރެން ބައްޕަގެ ސައިކަލަކަށް ނާރަމެވެ. ބައްޕަގެ ސައިކަލުގައި އަހަރެން ގޮވައިގެން އެންމެ ފަހުން ތަނަކަށް ދިޔަ މީހަކީ ބޭބެ ކަމަށް ވާތީއެވެ.

އެމް.ޕީ ރާއިޝްގެ ގެއާ ހަމައަށް ދެވުމުން މަގުގެ އެއްކައިރިއަށް ޖެހިލުމަށްފަހު ފައިހާ ދިން ނަމްބަރަށް ގުޅާލީމެވެ. ދެފަހަރު ގުޅުމުންވެސް އެކޮޅުން ޖަވާބެއް ނުދިނެވެ. މަގުގެ ދެކޮޅަށް ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ފިހާރައިން ނުކުތް އަޒާންއެވެ. ފޯނު ތިރިކޮށްލުމަށްފަހު އަޒާންއަށް ގޮވާލުމުން އޭނާ އަހަރެންގެ ކައިރިއަށް އައެވެ. ވެގެން އުޅޭ ގޮތް އޭނާއަށް ކިޔައިދިނުމުން އޭނާ ލަފާދިނީ ފައިހާ އަށް ގުޅާށެވެ. ފައިހާ އަށް ގުޅަން ނަމްބަރު ޑައިލް ކުރަނިކޮށް އިވުނު އަޑަކުން ސިހުނުވަރުން ފޯނު އަތުން ދޫނުވީ ކިރިޔާއެވެ.

"ދަރިފުޅާ އަޒާން." އެމް.ޕީ ރާއިޝްގެ ވަރުގަދަ އަޑުން ގޮވައިލިއެވެ. 

"ބައްޕަގެ މޭޒުމަތީގައި ހުންނާނެ ޑޮކިއުމަންޓް ތަކެއް. ފައިރޫޒް އައުމުން އެހަވާލުކޮށްލައްޗޭ." އަޒާން ބޯޖަހައިލުމުން ރާއިޝް ކާރަށް އަރައި ދުއްވާލިއެވެ. 

ކާރު ގޮސް ގެއްލެންދެން ހައިރާންވެފައި ބަލަހައްޓައިގެން އަހަރެން ހުރީމެވެ. ހޭވެރިކަމެއްވީ އަޒާން ދެފަހަރަކު ގޮވާލުމުންނެވެ. 

"އެއީ އަޒާންގެ ބައްޕަ؟" ހައިރާންވެފައި ހުރިވަރުން އަހަރެންނަށް ވާހަކަ ދެއްކުނީ ތަންކޮޅެއްބާރަށެވެ. 

"ސޮރީ." އަޒާން ސިހުނުތަން ފެނި އަހަރެން މައާފަށް އެދުނީމެވެ. އަޒާންގެ ބައްޕައާއި ބެހޭގޮތުން މިއަދު ދެއްކުނު ވާހަކަ ހަނދާންވެ ޖެހިލުންވެސް ވިއެވެ. 

"އެނގޭ އަހަރެން ބައްޕައަކީ މީހުންނަށް އެހާ ކަމުދާ މީހެއްނޫންކަން. އެކަމަކު ބައްޕައެއްގޮތަށް ހަމަވަރަށް ބަރާބަރުވާނެ." އަޒާން މަޑުމަޑުން ބުނެލިއެވެ. އަޒާންއަށް ބަލާލަމުން އަހަރެން ހިނިތުންވެލީ ރަކިވެފައި ހުރެއެވެ.

ފައިހާ ވެސް އޭނާގެ ދައްތަވެސް ފޯނު ނުނެގުމުން އަޒާންގެ އެދުމަށް އޭނާގެ ގެއަށް އަހަރެން ވަނީ ޖެހިލުންވެފައި ހުރެއެވެ. އަހަރެންގެ ހާސްކަން ފިލާދިޔައީ އަޒާންގެ މަންމަގެ ހިތްހެޔޮކަން ފެނިފައެވެ. އަޒާން އަހަރެންގެ ވާހަކަ ވަރަށް ކިޔައިދޭ ކަމަށްބުނެ، ދިމާވީ އަހަރެންނާ ބައްދަލުކޮށްލަން ބޭނުންވެފައި ހުއްޓައިކަމަށް ބުނުމުން އަހަރެން އުފާވިއެވެ. އަޒާން އާއި އެކު އޭނާގެ ކޮޓަރި ބަލާލަން ދިޔުމަށް ބުނުމުން އަހަރެން މަޑުމަޑުން އޭނާގެ ފަހަތުން ދިޔައީމެވެ. އަޒާންގެ ކޮޓަރި ފުރިހަމަވެފައި ވަރަށް ތަރުތީބެވެ. އަހަރެންނަށް އެންމެފުރަތަމަވެސް ފެނުނީ ކޮޓަރީގެ ކަނަކަށްވާގޮތަށް ހަދާފައި ހުރި ފޮތް ހަރުގަނޑެވެ. ފޮތްތައް ބަލާލައިފައި އެނބުރުނު ވަގުތު އަހަރެން ސިހުނީ އަނެއް ފަރާތު ބިތުގައި ހުރި އަހަރެންގެ ފޮޓޯ ފެނިފައެވެ. އެއީ އޮފީހުގެ އަހަރީ ދުވަހުގެ ޖަލްސާގައި އަޒާން ނެގި ފޮޓޯއެކެވެ. 

"ނުބުނެ ފޮޓޯ ބެހެއްޓުނީމަ މައާފަށް އެދެން. އެކަމަކު އަހަރެން އަލަށް ޖޮއިން ކުރީއްސުރެވެސް އަހަރެންނަށް އެހީ ވެދިން މީހަކީ ނައީ. އަހަރެންގެ އިންސްޕިރޭޝަންއަކީވެސް ނައީ. އެހެންވެ ބޭނުންވީ ފޮޓޯއެއް ބަހައްޓަން." އަޒާން އެހެން ބުނުމުން އަހަރެން އޭނާއަށް ބަލާލުމަށްފަހު ހީލީމެވެ. އޭނާއަށް ކުޑަކޮށްވެސް ނޭނގޭނެ ކަމަކީ އެކަމާ އަހަރެން އުފާވިވަރެވެ. 

އެކި ވާހަކަތަކުގައި އަހަރެމެން އެތައް އިރެއް ހޭދަކުރީމެވެ. އަޒާންގެ މަންމަ ކާއެއްޗެހި ގެނައިސްދިނެވެ. އަޒާން ބުނި ގޮތުގައި އޭނާ ވަޒީފާއަކަށް ނުދާތީ ބައްޕަ އެކަމާ ރުޅި އައުމުން އޭނާ ވަޒީފާއަކަށްނުކުންނަން ނިންމީއެވެ. ދަށް މަގާމަކަށް އެޕްލައި ކުރީ ވަޒީފާ ލިބުނީ ބައްޕަގެ ނުފޫޒުން ކަމަށް މީހުން ބުނާ އަޑު އަހަން ބޭނުން ނުވާތީއެވެ.

އިރު އޮއްސޭ ވަގުތު ކައިރި ވުމުން އަޒާން ގެ މަންމަ ކައިރީ ގެއަށްދަނީ ކަމަށްބުނެ އަޒާންއާއި އާއެކު ނިކުންނަން ދަނިކޮށް އަޒާން އަހަރެންގެ އަތުގައި ހިފައިގެން ކައިރީގައި ހުރި ކޮޓަރިއަކަށް ވަނެވެ. ސުވާލު އުފެދިފައި އަހަރެން އޭނާއަށް ބަލަން ފެށުމުން ދެއަތުން މޫނު ފުހެލުމަށްފަހު އުނަގަނޑުގައި އަތް ވިއްދާލިއެވެ. އަހަރެން ހުރީ މިވާން އުޅޭ ގޮތެއް ނޭނގި ހާސްވެފައެވެ. 

"ފަޔާޒް ކައިރީގައި އަހަރެންނަކީ ނައީގެ ބޯއިފްރެންޑޭ ބުނީއްސުރެ އަހަރެން ހިތަށް އަރަނީ އަސްލުވެސް އެހެން ވެއްޖެނަމަ ކިހިނެއްހޭ ވާނީ. އައި ކާންޓް ސްޓޮޕް ތިންކިންގ އެބައުޓް ޔޫ. އަހަރެންނަށް ނައީ ވަރަށް ކަމުގޮއްސި." އަޒާންގެ ވާހަކަތައް އަޑުއަހަން ހުރިއިރު އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަދި ފަހު ޖުމްލަ ބުނެލުމާއެކު އަހަރެންނަށް އިސްޖަހާލެވުނެވެ. އަހަރެންގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ. އަހަރެންގެ ހިތާމަތަކުން ދުރުކޮށްދޭ މީހަކީ އެއީއެވެ. އަހަރެންގެ ކަޅާއި ހުދުގެ ހަޔާތުގައި ކުލަޖައްސައިދިން މީހަކީ އެއީއެވެ. 

"ނައީ؟" އަހަރެން އެއްވެސް އެއްޗެއް ނުބުނުމުން އަޒާން އަހަރެންނަށް ގޮވައިލީ ހާސްވެފައި ހުރެއެވެ. 

"ވިލް ޔޫ ބީ މައި ގާލް؟" އަޒާން އަނެއްކާވެސް އަހާލިއެވެ. 

"ޔެސް." މަޑުމަޑުން އަހަރެން ޖަވާބު ދިނީމެވެ. އަޒާންގެ މޫނުމަތި އުޖާލާވެގެން ދިޔައީ އަހަރެންގެ ޖަވާބު އަހާފައެވެ

އެދުވަހަށްފަހު އަހަރެންގެ ހަޔާތަށް އައީ އަހަރެން ހުވަފެނުންވެސް ނުދެކޭހައި އުފާވެރި ދުވަސްތަކެކެވެ. ބޭބެގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެން ދެރަވެއެވެ. އެހެން ނަމަވެސް އެހެން ދެރަވެފައި އެކަނި ހުންނާނެ ފުރުސަތެއް އަޒާން ނުދެއެވެ. ބޭބެގެ މަރުގެ ވާހަކަ އަހަރެން އަޒާންއަށް ކިޔައި ނުދެމެވެ. އަދިވެސް އަހަރެން އެވާހަކަ ދައްކަން ތައްޔާރެއް ނޫނެވެ.

އަހަރެމެން ދެމީހުންވެސް އެގުޅުން އިތުރަށް ކުރިއަށް ގެންދަން ބޭނުންވާތީ ދެއާއިލާގެ ގުޅުން ބަދަހި ކުރުމަށް ދެއާއިލާގެ ބައްދަލުވުމެއް ބާއްވަން ނިންމީމެވެ. އަޒާންގެ މަންމަ މެން އަހަރެން ބަލައިގަތީ އުފަލާއެކުގައެވެ. އަޒާން ބުނި ގޮތަށް ސިޔާސީ ދާއިރާގައި އޭނާގެ ބައްޕައަކީ އަގު ވެއްޓިފައިވާ މީހަކަށް ވިޔަސް އާންމު ދިރިއުޅުމުގައި އޭނާއަކީ މީހުންނާ ގުޅޭ އޯގާތެރި މީހެކެވެ. އަހަރެންގެ އާއިލާއިންވެސް އަޒާން ބަލައިގަތީ އެއްވެސް ޝަކުވާއެއް ނެތިއެވެ. މަންމަމެން ތިބީ އަހަރެންގެ ކޮންމެ އުފަލަކަށްޓަކައި ގުރުބާންވާން ތައްޔާރަށެވެ. މަންމަމެންނަށް އަޒާންވީ ބޭބެގެ ހުސްކަން ފުރައިދިން ފަރާތަށެވެ.

(ނުނިމޭ)
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok