ތ. ވަންދޫ: އާސާރުތައް ގިނަ މަސްވެރި ރަށެއް

Follow @loamaaOnline
Th. Vandhoo

ތ. ވަންދޫ-- ފޮޓޯ: ހާމިދު ޝަރީފް


ކޮޅުމަޑުލު ވަންދޫ (ތ. ވަންދޫ)

މި ރަށަކީ، މި އަތޮޅުގެ ހުޅަނގުބިތުގައި މި އަތޮޅުގެ އެންމެ ހުޅަނގުން އޮންނަ ކަނޑޫދޫގެ އިރުދެކުނުން އޮންނަ 26.1 ހެކްޓަރުގެ ރަށެކެވެ. މި ރަށަކީ، މި އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތައް ހަތަރު ދުންޏަށް ބެހިފައިވާއިރު އެއްވެސް ދުންޏަކާ ނުގުޅި ވަކިން އޮންނަ ރަށެކެވެ. 

މި ރަށަށް ތާރީހީ ނަޒަރަކުން ބަލާއިރު، މި ރަށަކީ އެއް ޒަމާނެއްގައި ރާއްޖޭގައިި އުޅުނު ކަމަށް ބުނާ އެންމެ ތަނަވަސް މީހާ، "ނެވި މުހައްމަދު"ގެ އުފަން ރަށެވެ. އިހު ޒަމާނުގައި މި ރަށަކީ ރާއްޖެއިން ބޭރުން މުދާ އެތެރެކުރާ ނައުފަހަރު މާލެ ދިއުމުގެ ކުރިން އެންމެ ފުރަތަމަ ބަނދަރުކަމަށް ބުނާ ރަށެކެވެ. 

މި ރަށުގެ ރަޖިސްޓްރީގައި މިހާރު 400 އެއްހާ މީހުން ތިބިއިރު، ސަރުކާރުގެ އައިލެސް ވެބްސައިޓުގައިވާ ގޮތުގައި މި ރަށުގައި ދިރިއުޅެނީ 305 މީހުންނެވެ. އެއީ 151 އަންހެނުންނާއި 154 ފިރިހެނުންނެވެ. މި ރަށުގައި 50 ވުރެ ގިނަ ބިދޭސީންވެސް އުޅެއެވެ. 

މި ރަށަކީ މިހާރު އަތޮޅުގެ ނިސްބަތުންވެސް އެންމެ ކުޑަ އާބާދީއެއް އޮތް އެއް ރަށަށްވާއިރު، 1911 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޯހިމެނިއިރު މި ރަށަކީ މި އަތޮޅުގެ އެންމެ ބޮޑު އާބާދީއެއް އޮތް ރަށެވެ. އެގޮތުން އެއިރު މި ރަށުގެ އާބާދީއަކީ 580 މީހުން ތިއްބެވެ.

މި ރަށުގައި ތިން މިސްކިތް ހުންނައިރު ރަށުގައި ހަތަރު ފިހާރައެއް ހުރެއެވެ. އަދި ރަށުގައި ކެފޭ އަކާއި އަމިއްލަ ފަރާތަކުން ހިންގާ އައިސްޕްލާންޓެއްވެސް ހުރެއެވެ.

މި ރަށުގެ ރައްޔިތުން އާއްމު ގޮތެއްގައި އާމްދަނީ ހޯދުމަށް ކޮށް އުޅެނީ މަސްވެރިކަމެވެ. އެގޮތުން މި ރަށުގައި މަހަށް ފުރާ ދެ ދޯނި އޮންނައިރު އެ ދެ ދޯނިން ރަށުގެ ގިނަ ބަޔަކު މަހަށް ދެއެވެ. 

މި ރަށަކީ، ތާރީހީ ތަންތަން ގިނަ ރަށެކެވެ. އެގޮތުން ރަށުގައި މިހާރު ހުކުރު ކުރާ މިސްކިތާ ދިމާލުގައި އޮންނަ "އުސްފަސްގަނޑާއި" ރަށުގެ ކުރީގެ ހުކުރު ކުރި މިސްކިތާއި ދޮރުވަންނަ ކަލޭފާނު ޒިޔާރަތާއި އެ ޒިޔާރަތާއި އިންވެގެން ހުންނަ ކުޑަ މިސްކިތް (ޒިޔާރަތް މިސްކިތް) ގެ އިތުރުން އެ ޒިޔާރަތް ކައިރީގައި ހުންނަ ކިރާމާގަސް ހިމެނެއެވެ.

ވަންދޫ ޒިޔާރަތް މިސްކިތާއި ދޮރުވަންނަ ކަލޭފާނު ޒިޔާރަތް ( މިއީ 1700ގެ އަހަރު ބިނާކޮށްފައިވާ ތަނެއް ކަމަށް ބެލެވޭ) ---  ފޮޓޯ: އަބީދު 


މި ރަށަކީ އާބާދީ މަަދު ނަމަވެސް ވަރަށް ގުޅިގެން އެކުގައި އުޅޭ ހިތްހެޔޮ ރައްޔިތެއް އުޅޭ ރަށެކެވެ. ރަށުގެ ތަރައްގީއަށް ރައްޔިތުން އެކަތިގަނޑަކަށްވެ މަސައްކަތް ކުރާ ރަށެކެވެ. އަތޮޅު ފެންވަރުގެ ފުޓުބޯޅައިގައިވެސް މި ރަށަކީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފައިވާ ރަށެކެވެ.
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok