ތ. ކަނޑޫދޫގެ ދެ ޖަމިއްޔާއެއް ގުޅިގެން ކުޑަކުދިންނަށް އަމާޒުކޮށްގެން ކުޅިވަރު އެކެޑަމީއެއް ފަށަން ނިންމައިފިއެވެ.
"ކަނޑޫ އެކަޑަމީ" ނަން ދީފައިވާ މި އެކަޑަމީ އަކީ ކަނޑޫދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ދެ ޖަމިއްޔާ ކަމަށްވާ "ކަނޑޫ ސްޕޯޓްސް ކްލަބް" އާއި "ޓީމް ކަނޑޫދޫ"ގެ ދަށުން ހިންގާ އެކެޑަމީއެވެ.
ކަނޑޫ އެކަޑަމީގެ އޮފިޝަލަކު "ލޯމާ" އަށް ބުނި ގޮތުގައި އެ އެކެޑަމީ ފަށަން ހަމަޖައްސާފައިވަނީ އަންނަ އޮގަސްޓު މަހުގެ ދެ ވަނަ ދުވަހުއެވެ. އަދި އެކެޑަމީގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ރަޖިސްޓަރީ ވުމަށް މިހާރު ހުޅުވާލައިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. އެގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީވާން ޖެހެއެވެ.
ރަޖިސްޓަރީ ކުރުމަށް: https://forms.office.com/r/SCJcnCLRtd
ކަނޑޫ އެކެޑަމީއަކީ ދުޅަހެޔޮ އަދި ކުޅިވަރަށް އަހުލުވެރި ކުދިންތަކެއް ބިނާކުރުމުގެ މަގުސަދުގައި އުފެއްދި އެކެޑަމީއެކެވެ. އަދި ކުޅިވަރުގެ އަހުލާގާއި ތަރުބިއްޔަތު ދަސްކޮށްދިނުމަކީވެސް މި އެކެޑަމީގެ އަމާޒެކެވެ.
މި އެކެޑަމީ ފަށަނީ މައިގަނޑު ތިން އެކްޓިވިޓީއަކާއެކުގައެވެ. އެއީ ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ފުޓްސަލް، އަންހެން ކުދިންނަށް ހާއްސަކޮށްގެން ހޭންޑް ބޯލް، އަދި ދެ ޖިންސުގެ ކުދިންނަށް ފަތަން ދަސްކޮށްދިނުމެވެ. އެ އެކްޓިވިޓީތައް ކުރިއަށްގެންދަނީ ތިން އުމުރުފުރާއަކަށް އަމާޒުކޮށްގެނެވެ. އެއީ ނުވަ އަހަރުން ދަށުގެ އުމުރުފުރާއާއި 12 އަހަރުން ދަށުގެ އުމުރުފުރާއާއި 16 އަހަރުން ދަށުގެ އުމުރުފުރާއެވެ.
ކަނޑޫ އެކެޑަމީއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7573761 އަށް ގުޅުމަށް އެ އެކެޑަމީން އެދެއެވެ.