އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) އާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް އިންޑިއާ (އައި.ސީ.އޭ.އައި) އާ ދެމެދު ފަހުމުނާމާގައި ސޮއި ކޮށްފިއެވެ.
ސައުތް އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (ސާފާ) ގެ މެންބަރުންކަމުގައިވާ މި ދެ އިންސްޓިޓިއުޓަކީ އެކައުންޓިންގް ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދެ އިންސްޓިޓިއުޓެވެ. މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ އެކައުންޓިންގް ދާއިރާގެ އިލްމު ކުރިއަރުވައި، އެކައުންޓިންގް ޕްރޮފެޝަން ތަރައްގީކުރުމުގެ އިތުރުން މި ދެ އިންސްޓިޓިއުޓުގެ މެންބަރުންގެ ކުރިއެރުމަށް މަސައްކަތް ކުރުމެވެ.
ފަހުމުނާމާގައި ސޮއިކުރުމަށްފަހު : ފޮޓޯ ސީ.އޭ.މޯލްޑިވްސް ފޭސްބުކް
މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ އައި.އެފް.އާރ.އެސް އަދި އައި.އެސް.އޭ ފޯރަމުގެ ދެވެނަ ދުވަހުއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައި.ސީ.އޭ.އައި ގެ ރައީސް ސީ.އޭ. އަނިކެތް ސުނިލް ޓަލާޓީ ވިދާޅުވީ ސީ.އޭ މޯލްޑިވްސްއާއި އެކު ފަހުމުނާމާގައި ސޮއިކުރުމުގެ މައިގަނޑު މަގުސަދަކީ ކޮލަބްރޭޓިވް ޕްރޮގްރާމްތައް ބޭއްވުމުގައި ސީ.އޭ މޯލްޑިވްސްއަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް އަދި އެހެނިހެން ރިސޯސް ފޯރުކޮށްދިނުމުގެ އިތުރުން އައިފެކް މެންބަރޝިޕް ހޯދުމުގައި ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ - ސީ.އޭ މޯލްޑިވްސް ފޭސްބުކް
2020 ވަނަ އަހަރު އުފެދުނު ސީ.އޭ މޯލްޑިވްސް އިން ދަނީ، ދިވެހިރާއްޖޭގެ އެކައުންޓިންގް އަދި އޮޑިޓިން ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ސީ.އޭ މޯލްޑިވްސްގެ އިސް އޮފިޝަލުން ގަބޫލު ކުރާގޮތުގައި މި ފަހުމުނާމާއާއެކު އެބޭފުޅުން ކުރުމުންއެދާ މަސައްކަތްތަކުގައި އިތުރު ކުރިއެރުން ލިބި މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިޔުމުގެ ދޮރު ހުޅުވިގެންދާނެއެވެ.